ތާރީޚުގެ ތެރެއިން

ކޯޓު އުފެދުން ބިނާވެގެންވާ ތާރީޚު ކޯޓުގެ ލިޔެކިޔުންތަކުން ސާފުވެ އެނގެންނެތް ނަމަވެސް، މި ކޯޓުގެ އުފެދުން ބިނާވެގެންވަނީ މަޙްކަމަތުއް ޝަރުޢިއްޔާ އުފެދުނު ތާރީޚުގެ މައްޗަށެވެ. އެހެނީ ޤާނޫނީގޮތުން ސަރުކާރު ހިންގުމުގެބައި ވަކި ދެބައެއްގެ ގޮތުގައި ހިންގަމުންދިޔަ ދުވަސްވަރު މި ކޯޓު ހިމެނިފައިވަނީ މަޙްކަމަތުއް ޝަރުޢިއްޔާގެ ބައެއްގެ ގޮތުގައެވެ.

މިގޮތުން ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައި މަޙްކަމަތުއް ޝަރުޢިއްޔާގެ ނަމުގައި ވަކި އޮފީހެއް އުފެދުނީ ހިޖުރީ ސަނަތުން ހާހާ ތިންސަތޭކަ ހަތްދިހަ ދެވަނަ އަހަރުގައެވެ. ދުވަސްތަކެއް މާޒީވެ ދިއުމަށްފަހު، ހިޖުރައިން 1372 ވަނަ އަހަރުގެ ޛުލްހިއްޖާ މަހުން ފެށިގެން 1374 ވަނަ އަހަރުގެ މުޙައްރަމު މަހުގެ ނިޔަލަށް މަޙްކަމަތުއް ޝަރުޢިއްޔާއަށް ގެނެވުނު އިޞްލާޙަކާއި ގުޅިގެން އެ މަޙްކަމާގެ ނިޔާ ކަނޑައެޅުމުގެ މަސްއޫލިއްޔަތު 06 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ކުރައްވާގޮތަށް ހަމަޖައްސަވައި އެ ކޮމިޓީއިން އެމަސައްކަތް ކުރައްވަން ފެއްޓެވިއެވެ.

1966 ވަނަ އަހަރުގެ ތެރޭގައި މަޙްކަމަތުއް ޝަރުޢިއްޔާއިން ކުރަމުން އައި މަސައްކަތް ވަކި މޭޒުތަކަކަށް ބަހައި، އެއިން ކޮންމެ މޭޒަކަށް އަކުރެއް ހަމަޖެއްސުނު ނަމަވެސް 1967 ވަނަ އަހަރު މަޙްކަމަތުއް ޝަރުޢިއްޔާގެ ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ އަކުރުތައް އުވާލައި އަލުން އެހެން އަކުރުތަކަކަށް ބަދަލުކުރެވުނެވެ.

1968 ނޮވެމްބަރު 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން 02 ވަނަ ފަހަރަށް ޖޫމްހޫރީ ވެރިކަމަކަށް އަލުން ރުޖޫޢުވުމާއި ގުޅިގެން މަޙްކަމަތުއް ޝަރުޢިއްޔާގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަކުކުރެވުނެވެ. އަދި މަޙްކަމަތުއް ޝަރުޢިއްޔާގެ އަކުރުތައް މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކަށް ބަދަލުކުރެވުނެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ދަށުން 08 ޑިވިޜަންއެއް އުފެދުނެވެ. މި ޑިވިޜަންތަކަކީ، ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރަޔަލްސް ޑިވިޜަން، ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޜަން، ކްރިމިނަލް ޓްރަޔަލްސް ޑިވިޜަން، ޑެޓްސް ޑިވިޜަން، މެރިޖް ރެޖިސްޓްރޭޝަން ޑިވިޜަން، ޕްރޮޕަޓީ ކްލެއިމްސް ޑިވިޜަން، ތެފްޓް ޓްރަޔަލްސް ޑިވިޜަން އަދި މާރކެންޓައިލް ޑިވިޜަނެވެ.

1980 ޖަނަވަރީ 02 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތައް އުފެދުމާއި ގުޅިގެން ކުރިން ދެންނެވުނު، 8 ޑިވިޜަން އުވާލުމަށްފަހު، އެ ޑިވިޜަންތައް 8 ކޯޓަށް ބަދަލުކުރެވުނެވެ. އެއީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 1 ން ނަންބަރު 8 އަށެވެ. މި 8 ކޯޓުގެ ތެރެއިން ޖިނާއީ މައްސަލަތައް ބައްލަވަނީ ކޯޓު ނަންބަރު 06، 07 އަދި 08 ން ނެވެ.

1980 ޖަނަވަރީ 02 ވަނަ ދުވަހު އުފައްދާފައިވާ 08 ކޯޓުން ކުރަމުން އައި މަސައްކަތް 1992 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި 04 ކޯޓަކުން ކުރާގޮތަށް ބަދަލުކުރެވުނެވެ. މި 04 ކޯޓުގެ ތެރެއިން ޖިނާއީ މައްސަލަތައް ބައްލަވަމުން ދިޔައީ ކޯޓު ނަންބަރު 01 ންނާއި ކޯޓު ނަންބަރު 03 ންނެވެ.

1992 ނޮވެމްބަރު 11 އާއި ހަމައަށް މި ކޯޓު ހިނގަމުންއައީ ހއ.އަތޮޅު ފިހާރައިގައެވެ. 1992 ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ޖަސްޓިސް ބިލްޑިންގަށް ކޯޓުތައް ބަދަލުވުމާއި ގުޅިގެން އެ ތާރީޚުން ފެށިގެން މި ކޯޓު ހިނގަމުންދަނީ ޖަސްޓިސް ބިލްޑިންގ ގައެވެ.

1993 ނޮވެމްބަރު 11 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން، މި ކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ކޯޓު ނަންބަރު 3 ގެ ނަމުގައެވެ. އަދި 1996 ނޮވެމްބަރު 11 ވަނަ ދުވަހު މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން މި ކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 ގެ ނަމުގައެވެ.

މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 އުވާލެއްވުމަށްފަހު 1997 އޮގަސްޓު 01 ވަނަ ދުވަހު މި ކޯޓުގެ ނަން ޖިނާއީ ކޯޓުގެ ނަމަށް ބަދަލުކުރައްވާފައިވެއެވެ.

ދިވެހި ދައުލަތުގެ ބާރުތައް ވަކިވެ، ތިންބާރު ވަކިވެފައިވާ ޤާނޫނުއަސާސީއެއް މީލާދީ ސަނަތުން 2008 ވަނަ އަހަރު އޮގަސްޓު މަހުން 08 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ވަކިވެ، އެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާއިން ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންދިޔައެވެ. އަދި މިބާރު ޤާނޫނުއަސާސީއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައި ކޯޓަށާއި، ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ދީފައިވާތީ، “ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު” ފާސްވެ، 2010 އޮކްޓޯބަރު 21 ވަނަ ދުވަހު ތަޞްދީޤު ކުރެއްވުމާއި ހަމައަށް މި ކޯޓު ހިނގަމުންއައީ ޖިނާއީ ކޯޓުގެ ނަމުގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ދިވެހިރާއްޖޭގެ ހައި ކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށް ބަޔާންކޮށްފައި ވާތީ، 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި “ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލް” ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާގޮތުގެ މަތިން، 2010 އޮކްޓޯބަރު 21 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މިބިލް ޤާނޫނަކަށްވެ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ވަގުތުން ފެށިގެން މި ކޯޓުގެ ނަން ކްރިމިނަލް ކޯޓުގެ ނަމަށް ބަދަލުވެގެން ދިޔައެވެ.


ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ކްރިމިނަލް ކޯޓަށް، ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތައް:

މަރުގެ މައްސަލަތައް

ޒިނޭގެ މައްސަލަތައް

ވަކި މީހަކަށް ނުލައްވާގޮތަށް ބަލިވެއިނުމާއި، ވިހެއުމުގެ މައްސަލަތައް

ޤަޛުފުގެ މައްސަލަތައް

އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތައް

ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް

ބަނގުރާ ބުއިމުގެ މައްސަލަތައް

އިސްލާމްދީނުގެ އަޞްލަކާ ޚިލާފްވުމާއި، ދީނުން ބޭރުވާފަދަ ބަސްބުނުމުގެ ނުވަތަ އެފަދަ ޢަމަލުކުރުމުގެ މައްސަލަތައް

ވައްކަމުގެ މައްސަލަތައް

މާރާމާރީގެ މައްސަލަތައް

ޢާންމު އުނދަގޫކުރުމާބެހޭ މައްސަލަތައް

މަކަރާޙީލަތްހެދުމުގެ މައްސަލަތައް

ޚިޔާނާތްތެރިވުމުގެ މައްސަލަތައް

ޓެކުމުގެ މައްސަލަތައް

ފޭރެމުގެ މައްސަލަތައް

ފައިސާއާ މުދަލަށް އިހުމާލުވުމުގެ މައްސަލަތައް

މަސްތުވާތަކެއްޗާބެހޭ މައްސަލަތައް

ޝަރީޢަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް

ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް

ބާލިޣުވެފައިވާ އެއް ޖިންސުގެ ދެމީހަކު ރުހުމުގައި ނަހަމަ ގޮތުން އުޅުމުގެ މައްސަލަތައް

ބަނގުރާ ނުވަތަ ބަނގުރަލުގެ އާވި ހިމެނޭ އެހެން ދިޔާ ތަކެތި ބުއިމުގެ މައްސަލަތައް

ރަމަޟާން މަހު ދުވާލު ކައިބޮއެ ހެދުމުގެ މައްސަލަތައް

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ގޯތިގެދޮރަށް ވަނުމާއި، ފުރާދުއްވާ ތަކެއްޗަށް އެރުމުގެ މައްސަލަތައް

ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފަޅުފަޅުން މަސްހިފުމާއި، މަސް ބޭނުމުގެ މައްސަލަތައް

މަނާ ޞަރަޙައްދުތަކުން ވެލި، ގާ، އަކިރި ފަދަ ތަކެތި ނެގުމުގެ މައްސަލަތައް

ގޭގައި ބަންދުކޮށްފައި ތިބޭ މީހުން ގަވާއިދާ ޚިލާފަށް ގެއިން ނުކުތުމުގެ މައްސަލަތައް

ޖަލުގައި ތިބޭ މީހުން ނުވަތަ އަރުވާލާފައި ތިބޭ މީހުން އެމީހުން ކޮށްފައިވާ ބަންދުގެ ގަވާއިދުތަކާ ޚިލާފްވުމުގެ މައްސަލަތައް

އޮރިޔާން ކާޑު ރާއްޖެއަށް ގެނައުމާއި، ގެންގުޅުމާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާ ފިލްމު ބެލުމުގެ މައްސަލަތައް

އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ލައިސަންސް ނެތި ދުއްވުމާއި، އެކްސިޑެންޓްވުމުން ނޭންގުމުގެ މައްސަލަތައް

އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް

ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެކުށުގެ ދަޢުވައާއެކު ހުށަހެޅޭ މައްސަލަތައް

ކްރިމިނަލް ކޯޓުގައި ބަލާ ޖިނާއީ މައްސަލަތަކާއެކު ހުށަހެޅޭ ނަސަބު ސާބިތުކުރުމުގެ މައްސަލަތައް

ކްރިމިނަލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން ޖިނާއީ މައްސަލަތައް.


WordPress Lightbox Plugin