ކޯޓުއުފެދުން ބިނާވެގެންވާ ތާރީޚް ކޯޓުގެ ލިޔެކިޔުންތަކުން ސާފުވެ އެނގެންނެތް ނަމަވެސް، މިކޯޓުގެ އުފެދުން ބިނާވެގެންވަނީ މަޙްކަމަތުއް ޝަރުޢިއްޔާ އުފެދުނު ތާރީޚުގެ މައްޗަށެވެ. އެހެނީ ޤާނޫނީގޮތުން ސަރުކާރު ހިންގުމުގެބައި ވަކިދެބައެއްގެ ގޮތުގައި ހިންގަމުންދިޔަ ދުވަސްވަރު މިކޯޓު ހިމެނިފައިވަނީ މަޙްކަމަތުއް ޝަރުޢިއްޔާގެ ބައެއްގެ ގޮތުގައެވެ.
މިގޮތުން ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި މަޙުކަމަތުއް ޝަރުޢިއްޔާގެ ނަމުގައި ވަކި އޮފީހެއް އުފެދުނީ ހިޖުރީ ސަނަތުން ހާހާ ތިންސަތޭކަ ހަތްދިހަ ދެވަނަ އަހަރުގައެވެ. ދުވަސްތަކެއް މާޒީވެ ދިއުމަށްފަހު، ހިޖުރައިން 1372ވަނަ އަހަރުގެ ޛުލްހިއްޖާމަހުން ފެށިގެން 1374ވަނަ އަހަރުގެ މުޙައްރަމު މަހުގެ ނިޔަލަށް މަޙުކަމަތުއް ޝަރުޢިއްޔާއަށް ގެނެވުނު އިޞްލާޙަކާއި ގުޅިގެން އެމަޙުކަމާގެ ނިޔާ ކަނޑައެޅުމުގެ މަސްއޫލިއްޔަތު 06 ބޭފުޅުންގެ މައްޗަށް އެކުލެވޭ ކޮމެޓީއަކުން ކުރައްވާގޮތަށް ހަމަޖައްސަވައި އެކޮމިޓީއިން އެމަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
1966ވަނަ އަހަރުގެ ތެރޭގައި މަޙުކަމަތުއް ޝަރުޢިއްޔާއިން ކުރަމުން އައި މަސައްކަތް ވަކިމޭޒުތަކަކަށް ބަހައި، އެއިން ކޮންމެ މޭޒަކަށް އަކުރެއް ހަމަޖެއްސުނު ނަމަވެސް 1967ވަނަ އަހަރު މަޙުކަމަތުއް ޝަރުޢިއްޔާގެ ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ އަކުރުތައް އުވާލައި އަލުން އެހެން އަކުރުތަކަކަށް ބަދަލުކުރެވުނެވެ.
11 ނޮވެމްބަރ 1968ގައި ދިވެހިރާއްޖޭގެ ވެރިކަން 02 ވަނަ ފަހަރަށް ޖޫމްހޫރީ ވެރިކަމަކަށް އަލުން ރުޖޫޢުވުމާއި ގުޅިގެން މަޙުކަމަތުއް ޝަރުޢިއްޔާގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަކުކުރެވުނެވެ. އަދި މަޙުކަމަތުއް ޝަރުޢިއްޔާގެ އަކުރުތައް މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކަށް ބަދަލުކުރެވުނެވެ. މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ދަށުން 08 ޑިވިޜަންއެއް އުފެދުނެވެ. މިޑިވިޜަންތަކަކީ، ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރަޔަލްސް ޑިވިޜަން، ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޜަން، ކްރިމިނަލް ޓްރަޔަލްސް ޑިވިޜަން، ޑެޓްސް ޑިވިޜަން، މެރިޖް ރެޖިސްޓްރޭޝަން ޑިވިޜަން، ޕްރޮޕަޓީ ކްލެއިމްސް ޑިވިޜަން، ތެފްޓް ޓްރަޔަލްސް ޑިވިޜަން އަދި މާރކެންޓައިލް ޑިވިޜަނެވެ.
02 ޖެނުއަރީ 1980ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތައް އުފެދުމާއި ގުޅިގެން ކުރިން ދެންނެވުނު، 8 ޑިވިޜަން އުވާލުމަށްފަހު، އެ ޑިވިޜަންތައް 8 ކޯޓަށް ބަދަލުކުރެވުނެވެ. އެއީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 1 ން ނަންބަރު 8އަށެވެ. މި 8 ކޯޓުގެ ތެރެއިން ޖިނާއީ މައްސަލަތައް ބައްލަވަނީ ކޯޓު ނަންބަރު 06، 07 އަދި 08 ން ނެވެ.
02 ޖެނުއަރީ 1980ގައި އުފައްދާފައިވާ 08 ކޯޓުން ކުރަމުން އައި މަސައްކަތް 1992ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި 04 ކޯޓަކުން ކުރާގޮތަށް ބަދަލުކުރެވުނެވެ. މި 04 ކޯޓުގެ ތެރެއިން ޖިނާއީ މައްސަލަތައް ބައްލަވަމުން ދިޔައީ ކޯޓު ނަންބަރު 01 ންނާއި ކޯޓު ނަންބަރު 03 ންނެވެ.
11 ނޮވެމްބަރ 1992 ވަނަ އަހަރާއި ހަމައަށް މިކޯޓު ހިނގަމުންއައީ ހއ.އަތޮޅު ފިހާރައިގައެވެ. 11 ނޮވެމްބަރ 1992 ވަނަ އަހަރުން ފެށިގެން ޖަސްޓިސް ބިލްޑިންގަށް ކޯޓުތައް ބަދަލުވުމާއި ގުޅިގެން އެތާރީޚުން ފެށިގެން މިކޯޓު ހިނގަމުންދަނީ ޖަސްޓިސް ބިލްޑިންގ ގައެވެ.
11 ނޮވެމްބަރ 1993ވަނަ އަހަރުގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން، މިކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ކޯޓްނަންބަރު 3ގެ ނަމުގައެވެ. އަދި 11 ނޮވެމްބަރ 1996 ވަނަ އަހަރުގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަން މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަމަށް ބަދަލުކުރެއްވުމާއި ގުޅިގެން މިކޯޓު ހިނގަމުން އައީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 ގެ ނަމުގައެވެ.
މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 3 އުވާލެއްވުމަށްފަހު 01 އޯގަސްޓް 1997ގައި މިކޯޓުގެ ނަން ޖިނާއީކޯޓުގެ ނަމަށް ބަދަލުކުރައްވާފައިވެއެވެ.
ދިވެހި ދައުލަތުގެ ބާރުތައް ވަކިވެ، ތިންބާރު ވަކިވެފައިވާ ޤާނޫނު އަސާސީއެއް މީލާދީ ސަނަތުން 2008 ވަނަ އަހަރު އޯގަސްޓު މަހުން 08 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން، ދިވެރާއްޖޭގެ ޝަރުޢީ ނިޒާމު ވަކިވެ، އެޤާނޫނު އަސާސީގެ 7 ވަނަ މާއްދާއިން ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު ދިވެހި ރާއްޖޭގެ ކޯޓުތަކަށް ލިބިގެންދިޔައެވެ. އަދި މިބާރު ޤާނޫނު އަސާސީއިން ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކަށް ދީފައިވާތީ، “ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު” ފާސްވެ، 21 އޮކްޓޯބަރ 2010 ވަނަ ދުވަހު ތަޞްދީޤުކުރެއްވުމާއި ހަމައަށް މިކޯޓު ހިނގަމުންއައީ ޖިނާއީ ކޯޓުގެ ނަމުގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމްކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅާފައިވާ ދަށުކޯޓުތަކަށް ކަމަށް ބަޔާންކޮށްފައި ވާތީ، 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި “ދިވެހިރާއްޖޭގެ ކޯޓުތަކުގެ ބިލް” ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާގޮތުގެ މަތިން، 21 އޮކްޓޯބަރ 2010 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމުން، މިބިލް ޤާނޫނަކަށްވެ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ވަގުތުން ފެށިގެން މިކޯޓުގެ ނަން ކްރިމިނަލްކޯޓުގެ ނަމަށް ބަދަލުވެގެން ދިޔައެވެ.
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ކްރިމިނަލް ކޯޓަށް، ބެލުމުގެ އިޙްތިޞާސް ލިބިގެންވާ މަސްލަތަށް:
· މަރުގެ މައްސަލަތައް
· ޒިނޭގެ މައްސަލަތައް
· ވަކި މީހަކަށް ނުލައްވާގޮތަށް ބަލިވެއިނުމާއި، ވިހެއުމުގެ މައްސަލަތައް
· ޤަޛުފުގެ މައްސަލަތައް
· އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތައް
· ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ މައްސަލަތައް
· ބަނގުރާ ބުއިމުގެ މައްސަލަތައް
· އިސްލާމްދީނުގެ އަޞްލަކާ ޚިލާފްވުމާއި، ދީނުން ބޭރުވާފަދަ ބަސްބުނުމުގެ ނުވަތަ އެފަދަ ޢަމަލުކުރުމުގެ މައްސަލަތައް
· ވައްކަމުގެ މައްސަލަތައް
· މާރާމާރީގެ މައްސަލަތައް
· ޢާންމު އުނދަގޫކުރުމާބެހޭ މައްސަލަތައް
· މަކަރާޙީލަތްހެދުމުގެ މައްސަލަތައް
· ޚިޔާނާތްތެރިވުމުގެ މައްސަލަތައް
· ޓެކުމުގެ މައްސަލަތައް
· ފޭރެމުގެ މައްސަލަތައް
· ފައިސާއާ މުދަލަށް އިހުމާލުވުމުގެ މައްސަލަތައް
· މަސްތުވާތަކެއްޗާބެހޭ މައްސަލަތައް
· ޝަރީޢަތުންކުރާ ޖޫރިމަނާގެ ފައިސާ އަތުލުމާބެހޭ މައްސަލަތައް
· ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާކަމަށް ބުނެ އެ ބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާ މައްސަލަތައް
· ބާލިޣުވެފައިވާ އެއް ޖިންސުގެ ދެމީހަކު ރުހުމުގައި ނަހަމަ ގޮތުން އުޅުމުގެ މައްސަލަތައް
· ބަނގުރާ ނުވަތަ ބަނގުރަލުގެ އާވި ހިމެނޭ އެހެން ދިޔާ ތަކެތި ބުއިމުގެ މައްސަލަތައް
· ރަމަޟާން މަހު ދުވާލު ކައިބޮއެ ހެދުމުގެ މައްސަލަތައް
· ޤާނޫނާއި ޤަވާއިދާ ޚިލާފަށް ގޯތިގެދޮރަށް ވަނުމާއި، ފުރާދުއްވާ ތަކެއްޗަށް އެރުމުގެ މައްސަލަތައް
· ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފަޅުފަޅުން މަސްހިފުމާއި، މަސް ބޭނުމުގެ މައްސަލަތައް
· މަނާ ޞަރަޙައްދުތަކުން ވެލި، ގާ، އަކިރި ފަދަ ތަކެތި ނެގުމުގެ މައްސަލަތައް
· ގޭގައި ބަންދުކޮށްފައި ތިބޭ މީހުން ގަވާއިދާ ޚިލާފަށް ގެއިން ނުކުތުމުގެ މައްސަލަތައް
· ޖަލުގައި ތިބޭ މީހުން ނުވަތަ އަރުވާލާފައި ތިބޭ މީހުން އެމީހުން ކޮށްފައިވާ ބަންދުގެ ގަވާއިދުތަކާ ޚިލާފްވުމުގެ މައްސަލަތައް
· އޮރިޔާން ކާޑު ރާއްޖެއަށް ގެނައުމާއި، ގެންގުޅުމާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކާ ފިލްމު ބެލުމުގެ މައްސަލަތައް
· އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ލައިސަންސް ނެތި ދުއްވުމާއި، އެކްސިޑެންޓްވުމުން ނޭންގުމުގެ މައްސަލަތައް
· އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް
· ކްރިމިނަލް ކޯޓުން ބަލާ ކުށްތަކުގެ ތެރެއިން ކުށަކާ ގުޅިގެން ބަދަލު ހޯދުމަށް އެދި، އެކުށުގެ ދަޢުވައާއެކު ހުށަހެޅޭ މައްސަލަތައް
· ކްރިމިނަލް ކޯޓުގައި ބަލާ ޖިނާއީ މައްސަލަތަކާއެކު ހުށަހެޅޭ ނަސަބު ސާބިތުކުރުމުގެ މައްސަލަތައް
· ކްރިމިނަލް ކޯޓުގައި ބަލާ މައްސަލަތައް ކަމުގައި މި ޖަދުވަލުގައި ބަޔާންކުރެވިފައި ނުވާ އެހެނިހެން ޖިނާއީ މައްސަލަތައް.