އަޙްމަދު މިރުޒާ މަރާލިކަމުގެ ކުށް ސާބިތުވެ ދެ މީހަކު މަރަން ޙުކުމް ކޮށްފި

ދައުލަތުން ދަޢުވާކުރި، ނ.މާޅެންދޫ ވައިޓް ހައުސް އަޙްމަދު މިރުޒާ މަރާލި މައްސަލަ ޝަރީޢަތުން ސާބިތުވެ، ޏ.ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޡީފާއި، ވ.ފަޒީލާމަންޒިލް މުހައްމަދު ޝިފާޢު މަރަން ކޯޓުން ހުކުމް ކޮށްފި އެވެ.

ދެހާސް އެގާރަވަނަ އަހަރު އެޕްރީލު މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ނ.މާޅެންދޫ ވައިޓުހައުސް، އަޙްމަދު މިރްޒާ ވިލިމާލޭ ކުޑަކުދިންގެ ޕާކު ކައިރީގަ ހުއްޓާ، ޢަބްދުﷲ ނަޡީފާއި، މުޙައްމަދު ޝިފާޢު، އަޙްމަދު މިރްޒާއާ މެދު ހިންގި މާރާމާރީއާ ގުޅިގެން އެއަހަރުގެ އެޕްރީލު މަހުގެ 14 ވަނަ ދުވަހު އަޙްމަދު މިރްޒާ މަރުވެފައިވަނީ، އެމާރާމާރީގައި އަޙްމަދު މިރްޒާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންކަން، މިމައްސަލައިގަ ލިބިފައިވާ ހެކިތަކާ ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތުވެއެވެ. އަދި ހައްގަކާ ނުލާ މީހުން ނުމެރުމަށް އިސްލާމީ ޝަރީޢަތުގަ އަންގަވާފަވާތީއާ، އެއަމުރަށް ޢަބްދުﷲ ނަޡީފާއި މުޙައްމަދު ޝިފާޢު ނުކިޔަމަންތެރިވެފަވާތީ، ޤަޞްދުގަ މީހަކު މަރާލުމުގެ ކުށުން ޢަބްދުﷲ ނަޡީފާއި މުޙައްމަދު ޝިފާޢު ކުށްވެރިވާކަމަށް ކަނޑައަޅައި، އަޙްމަދު މިރްޒާގެ މަރުގެ ބަދަލުގަ އަޙްމަދު މިރްޒާގެ ހުރިހާ ވާރިޘުން ބޭނުންވަނީ ޤިޞާޞް ހިފަން (މަރަންމަރުހިފަން) ކަމަށް ވާރިޘުން ބުނެފަވާތީ، ޏ.ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޡީފާއި، ވ.ފަޒީލާމަންޒިލް މުހައްމަދު ޝިފާޢު މަރަން ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.