2016 ވަނަ އަހަރު ގިނަ އަދަދެއްގެ މައްސަލަ މިކޯޓަށް ބަލައިގަނެފި

ޕްރެސިކިޔުޓަރ ޖެނެރަލްގެ އޮފީހުން މިއަހަރު މިހާތަނަށް 1563 މައްސަލަ މިކޯޓަށް ހުށަހަޅައިފިއެވެ. މިއީ 2015 ވަނަ އަހަރު މިކޯޓަށް ހުށަހެޅުނު ޖުމްލަ 806 މައްސަލައާ އަޅާ ބަލާއިރު، 757 އިތުރު އަދަދެކެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މުޅިން އަލަށް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެކެވެ. މަދުންނަމަވެސް މިމައްސަލަތަކުގެ ތެރޭގައި ތަފާތު ސަބަބުތަކާހުރެ ކުރިން ހުށަހަޅައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައްވެސް ހިމެނެއެވެ. އަދި މީގެ ތެރެއިން ގިނަ މައްސަލަތަަކަކީ މިއަހަރު ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ނޫންކަން ފާހަގަކުރަމެވެ. މިގޮތުން މިއަހަރު އެންމެ ގިނަ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ ފަހު ތިންމަހުއެވެ. އެގޮތުން އޮކްޓޯބަރ މަހު 241 މައްސަލައަކާއި، ނޮވެމްބަރ މަހު 140 މައްސަލައަކާއި، ޑިސެމްބަރ މަހުގެ މިހާތަނަށް 210 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި މީގެ ތެރެއިން އިސްލާހްކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ކޯޓަށް ޤަބޫލްކުރެވޭތީ އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލި 163 މައްސަލަ ފިޔަވާ އެހެންހުރިހާ މައްސަލައެއް މިހާރު ވަނީ ކޯޓަށް ބަލައިގަނެފައެވެ.