ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގައި މުޙައްމަދު ވިސާމު މަރަށް ޙުކުމްކޮށްފި

ލ.މާވަށް އެވަރބްލޫގޭ މުޙައްމަދު ވިސާމު މަރަށް ޙުކުމްކޮށްފައިވަނީ،  30 މެއި 2012 ދުވަހު ހއ.ހޯރަފުށި ނޫރީ، މުޙައްމަދު އަރުހަމް، މަޢުހަދުގެ އިރުދެކުނުގައި އޮންނަ ޕާކު (ލޮރެންޒޯ ޕާކު) ގައި ވަނިކޮށް، މުޙައްމަދު ވިސާމާއި، މުޙައްމަދު ސުފުޔާނާއި، މަންސޫރު ޔޫސުފާއި، ޢާތިފް ރަޝީދު އިތުރު ބަޔަކާއެކު ސައިކަލުތަކެއްގައި ލޮރެންޒޯ ޕާކު ކައިރިއަށްގޮސް، މިމީހުންގެ ތެރެއިން ޢާޠިފް ރަޝީދާއި އިތުރު ބަޔަކު ސައިކަލުގައި މަޑުކޮށް، މުޙައްމަދު ވިސާމާއި، މުޙައްމަދު ސުފުޔާނާއި، މަންޞޫރު ޔޫސުފް، ލޮރެންޒޯ ޕާކުތެރެއަށްވަދެ، މުޙައްމަދު އަރުހަމަށް ޙަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެން 30 މެއި 2012 ދުވަހު މުޙައްމަދު އަރުހަމް ނިޔާވެފައިވާތީއެވެ.

ލ.މާވަށް އެވަރބްލޫގެ މުޙައްމަދު ވިސާމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން މުޙައްމަދު ވިސާމުގެ މައްޗަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ، މުޙައްމަދު އަރުހަމްގެ ގަޔަށް ވަޅި ޖަހަނިކޮށް ފެނުނުކަމަށް ހެކިބަސް ދީފައިވެއެވެ. އަދި މުޙައްމަދު ވިސާމް އެގޯޅިގަނޑު ތެރެއަށް ވަދެގެން ދިޔަ މަންޒަރު ފެނުނުކަމަށް ދެވަނަ ހެކިވެރިޔާ ބުނެފައިވާއިރު އަދި ތިންވަނަ ހެކިވެރިޔާ މުޙައްމަދު ވިސާމް އެރޭގައި މުޙައްމަދު އަރުހަމްގެ ގައިގާ ކުރިމަތިން ހިފަހައްޓައިގެން ހުރިކަމަށް ހެކިބަސް ދީފައިވެއެވެ.

މިމައްސަލާގައި ކޯޓުން ކޮށްފައިވާ ޙުކުމުގައިވަނީ، ދައުލަތުން ލ.މާވަށް އެވަރބްލޫގެ މުޙައްމަދު ވިސާމާއި، ގދ.ގައްދޫ ގުންޒަރު މުޙައްމަދު ސުފްޔާނާއި، ލ.މާވަށް އަސަރީގެ މަންޞޫރު ޔޫސުފާއި، މާލެ މއ.ސީނަރީވިޔު އާޠިފް ރަޝީދުގެ މައްޗަށް ކޮށްފައިވާ، ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ޝަރީޢަތުން ބެލިބެލުމުން، މީހެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންތައްތައްކަމަށް ސްޕްރިމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި، މިމައްސަލައަކީ ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ މައްސަލައަކަށްވެފައި، މިމައްސަލާގައި ހެކިންގެ ހެކިބަސް މިނެކިރާ ވަޒަންކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށްކަމަށްވެފައި، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށްބަލާއިރު، ގދ.ގައްދޫ ގުންޒަރު މުޙައްމަދު ސުފްޔާނާއި، ލ.މާވަށް އަސަރީގެ މަންޞޫރު ޔޫސުފާއި، މާލެ މއ.ސީނަރީވިޔު، އާޠިފް ރަޝީދުގެ މައްޗަށް މި ދަޢުވާ ސާބިތުވާ ވަރަށް ކާފީ ހެކި ދަޢުލަތަށް ދެއްކިފައިނުވާކަން ޝަރީއަތަށް ފެންނާތީ، ދައުލަތުން، މުޙައްމަދު ސުފްޔާނާއި، މަންޞޫރު ޔޫސުފާއި، އާޠިފް ރަޝީދުގެ މައްޗަށް ކުޅަ ޤަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައެވެ.