ކްރިމިނަލް ކޯޓުގެ ނޫސް ބަޔާން

ދޭދޭ ފަރުދުންނާއި ޖަމާޢަތްތަކުގެ މެދުގައި އުފެދޭ ޚުޞޫމާތްތަކާއި ދެބަސްވުންތައް ވަކި ހަމަތަކެއްގެ މަތިން ޙައްލުކޮށްދިނުމުގެ ޒިންމާއަކީ އިންސާނިއްޔަތާ މަތިކުރެވިފައިވާ އެންމެ ހަރުދަނާ، އެންމެ ޒިންމާ ބޮޑު އަދި އެންމެ ޤަދަރުވެރި މަސްއޫލިއްޔަތު ކަމަށްވެފައި، އެކަން އެގޮތަށް ނުކުރެވި ދެބަސްވުންތަކާއި ޚުޞޫމާތްތަކަށް ޤާނޫނުގެ ތަރަހައިގެ ތެރެއިން ޙައްލު ހޯދައިނުދެވިއްޖެނަމަ، މީސްމީހުންގެ ނަފްސާއި މުދަލާއި ޝަރަފާއި މީހުން ޤަބޫލުކުރާ އިޢުތިޤާދުތަކާއި ސަލާމަތް ބުއްދި ޙިމާޔަތްކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީ، ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައަކުން ދިވެހިރާއްޖޭގައިވެސް ވަނީ ބުނެވިދިޔަ ކަންކަން ޙިމާޔަތްކޮށް، ދިވެހިރާއްޖޭގައި ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމުކޮށް، ދިވެހިރާއްޖެއަކީ ޞުލްޙަވެރި ރައްޔިތެއް ދިރިއުޅޭ ޤައުމެއްކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމް ޤާއިމުކޮށްފައެވެ.

ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ ގިނަ މުޢާހަދާތަކެއްގައި ސޮއިކޮށްފައިވާ ޤައުމަކަށް ވެފައި، ސިޔާސީ ގޮތުން ދިވެހިރާއްޖެ ބަލައިގެންފައިވާ ނިޒާމަކީ ޑިމޮކްރެޓިކު ނިޒާމަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމާއި ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ފަދަ ގިނަގުނަ ޙައްޤުތަކެއް ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފަވާ ޤައުމަކަށް ވިޔަސް، ދިވެހި ދައުލަތުގެ ވުޖޫދާއި ސިޔާދަތާއި މިނިވަންކަމާއި ގުޅިފައިވާ ދައުލަތުގެ ޙައްޤުތަކާ، ދިވެހިރައްޔިތުންގެ ރީތި ނަމާއި ދިވެހިރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއާއި ދިވެހިރައްޔިތުންގެ ހަމަހިމޭން ދިރިއުޅުމާ ގުޅިފައިވާ ޙައްޤުތަކަކީވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކަކަށް ވާތީއާ، މީސްތަކުންގެ އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދުކަމަށް ވާތީއާ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވެފައި، ދިވެހީން ތަބާވާ ހަމައެކަނި ދީނަކީ މާތްވެގެންވާ އިސްލާމްދީންކަމަށް ވާތީ، އިސްވެ ބުނެވުނު މަޤުޞަދާ އެއްވެސް ދިވެއްސަކު ޚިލާފުވުމަކީ ކޮށްގެންވާނެ ކަމަކަށް ނުވާތީއާ، ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމަކީ ޙުރުމަތްތެރިވެގެންވާ ކަމެއްކަމަށާއި އެކަމަށް ހަމަ ކޮންމެ މީހަކުވެސް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފަ ވާތީއާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފަ އޮތުމުގެ ޙައްޤު ކަށަވަރުކޮށްދީފަ ވާތީ، މީސްތަކުންގެ އަބުރާއި ޢިއްޒަތާއި ޝަރަފާއި ކަރާމާތަށް، އެއްވެސް އިމެއްނެތި ބަޔަކު އަރައިގަންނަ އަރައިގަތުން ހުއްޓުވުމަށްޓަކައި، ދިވެހިރާއްޖޭގެ ކުރިމިނަލް ކޯޓުން އިސްވެ އަޅަން ޖެހިއްޖެ ކޮންމެ ފިޔަވަޅެއް އަޅަމުން ގެންދާނެ ވާހަކަ، ދިވެހިރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތަކަށް ޔަޤީންކޮށް އަރުވަމެވެ.>>>>>>ނޫސްބަޔާން