ކުރިމިނަލް ކޯޓުގެ ނޫސް ބަޔާން

“އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް ޝަރީޢަތްތައް ކުރިމިނަލް ކޯޓުން ސިއްރުކުރަން ނިންމައިފި “މި ސުރުޙީގެ ދަށުން” ހަވީރު އޮންލައިން” ގައި 05 ސެޕްޓެމްބަރު 2015 ގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ލިޔެފައިވާތީ، އެކަން ފާހަގަކޮށް، 03 ސެޕްޓެމްބަރު 2015 ގައި ކުރިމިނަލް ކޯޓުން ޢާންމުކޮށްފައިވާ “އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު” އާ ގުޅޭ ޞައްޙަ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  1. އޯޑިއޯ އަދި އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދާ ޝަރީޢަތްތައް ކުރިމިނަލްކޯޓުން ސިއްރުކުރަން ނިންމާފައި ނުވާނެ.

“އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު” ގެ ދަށުން އޯޑިއޯ އަދި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުރިޔަށް ގެންދާ ޝަރީޢަތްތައް ކުރިމިނަލްކޯޓުން ސިއްރުކުރަން ނިންމާފައެއްނުވެއެވެ. ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކުގެ ތެރެއިން ސިއްރު މަޖިލީހެއްގެ ގޮތުގައި ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކަކީ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި އެ ޝަރީޢަތުގެ މަޖިލީހެއް ސިއްރުކުރަންވާނޭ ކަމަށް ބަޔާންކޮށްފައިވާ ޝަރީޢަތުގެ މަޖިލިސްތަކެވެ. އެގޮތުން  ބުނެވިދިޔަ އުޞޫލުގެ 7 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވެއެވެ.

“ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ނުވަތަ ކޯޓުން ވަކިގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގާ ޝަރީޢަތްތައް ކުރިއަށް ގެންދަންވާނީ ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައެވެ.”

އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގޭނީ ހަތަރު ޙާލަތެއްގައެވެ. އެޙާލަތްތަކަކީ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ މީހާ ހުރި ރަށްނޫން އެހެން ރަށެއްގައި ޝަރީޢަތް ހިންގުމާއި، ކާކުކަން ނޭންގޭގޮތަށް ހެކިބަސްނެގުމާއި، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކިބަސް ނެގުމާއި އަދި ދަޢުވާލިބޭ ފަރާތުގެ ޙާޟިރުގައި ހެކިބަސްދިނުމަށް ޢުޒުރުވެރިވާ ފަދަ ސަބަބެއް އޮތުމެވެ.

  1. އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ހިންގާނީ ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލިހެއްގައި.

ޝަރީޢަތް ހިންގާ މަޖިލިސް ކުރިމިނަލް ކޯޓުގައި ހިނގަމުންދާއިރު އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓެއްގައި ނުވަތަ ކުރިމިނަލްކޯޓުން ކަނޑައަޅާ ތަނެއްގައި މިއުޞޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 4 ޙާލަތުންކުރެ ޙާލަތެއްގައި ޝަރީޢަތް ހިންގޭނެއެވެ. ދަޢުވާ ލިބޭ ފަރާތާއެކު، ގުޅާލެވިފައިވާ ކޯޓު ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ވަދެވޭނީ، ދަޢުވާ ލިބޭ ފަރާތާއި އޭނާގެ ވަކީލާއި ކޯޓުގެ އޮފިޝަލަކު ނުވަތަ ކޯޓުން ކަނޑައަޅާ ބަޔަކަށެވެ. “އޯޑިއޯ ނުވަތަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމާއި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު” ގެ 7 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ،
“… ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ކަނޑައަޅާ ތަނަކަށް ޙާޟިރުކޮށް މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާ ވަގުތު ދަޢުވާލިބޭ ފަރާތާއިއެކު ކޯޓުގެ އޮފިޝަލަކު ނުވަތަ ކޯޓުން ކަނޑައަޅާ ބަޔަކު ޙާޟިރުވެ ތިބެންވާނެއެވެ.”

އަދި 7 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ “… މިއުޞޫލުގެ 7 ވަނަމާއްދާގެ (ށ) ގައި ބުނެފައިވާ ފަރާތްތަކާއި، ދަޢުވާލިބޭފަރާތުގެ ވަކީލު ފިޔަވައި އިތުރުބަޔަކަށް ނުވަދެވޭނެއެވެ.”

މީގެ އިތުރުން، ކުރިމިނަލް ކޯޓުގައި ޝަރީޢަތް ހިންގާ މަޖިލިސް ހިނގަމުންދާނީ ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައިކަން މިއުޞޫލުގެ 7 ވަނަ މާއްދާގެ (ހ) އިން ދޭހަވެއެވެ.

ކޯޓުގެ ތަޞައްވުރު ގެއްލޭގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރަމުންދާތީ  އެގޮތަށް އެކަންނުކުރުމަށް އިލްތިމާސްކުރަމެވެ.>>>>ނޫސް ބަޔާން

21 ޛުލްޤަޢިދާ   1436

05 ސެޕްޓެމްބަރު 2015