މުޙައްމަދު ނަޝީދުގެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާބެހޭ

ކ.މާލެ/ ގ.ކެނެރީގެ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ވީހާވެސް އަވަހަށް ދޫކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިކޯޓުންވަނީ ކުރެވިފައެވެ. ނަމަވެސް ދަޢުވާލިބޭ ގ.ކެނެރީގެ މުޙައްމަދު ނަޝީދާއި އޭނާގެ ދިފާޢީ ވަކީލުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ކޯޓަށް ނުލިބުމުގެ ސަބަބުން ރިޕޯޓް ދޫކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

އެގޮތުން، މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުޅަ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ މިކޯޓުގައި އުފުލި ދުވަހުން ފެށިގެން، މުޙައްމަދު ނަޝީދު ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކުގައި ސޮއިކުރުމަށް އިންކާރުކޮށް ބަޔާންތަކުގައި ސޮއި ނުކުރާނެކަމަށް ބުނެ މުހައްމަދު ނަޝީދު އޭނާގެ ބަޔާންތަކުގައި ސޮއިކޮށްފައި ނުވާކަމާއި، މުޙައްމަދު ނަޝީދުގެ ދިފާޢީ ވަކީލުންނަށް ބަޔާންތަކުގައި ސޮއިކުރުމަށް ކޯޓަށް ޙާޟިރުވުމަށް ތަކުރާރުކޮށް ފޯނުން ގުޅާ އެންގުމުންވެސް ބަޔާންތަކުގައި ސޮއިކުރުމަށް ކޯޓަށް ޙާޟިރުވެފައި ނުވެއެވެ. އަދި މުޙައްމަދު ނަޝީދުގެ ވަކީލުން ބަޔާންތަކުގައި ސޮއިކުރުމަށްޓަކައި ކޯޓަށް ޙާޟިރުކުރެވުނީވެސް ކޯޓު އަމުރު ފޮނުވައިގެންކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

ބަޔާންވެދިޔަ ގޮތުގެ މަތިން ވަކީލުން ކޯޓަށް ޙާޟިރުވެ ބަޔާންތައް ކިޔާ ހުރިހާ ވަކީލުން ބަޔާންތަކުގައި ސޮއިކޮށް ނިންމާފައިވަނީ 18 މާރޗް 2015 ވީ ބުދަ ދުވަހުކަމަށްވުމާއެކު، މިމައްސަލާގެ ޚުލާޞާ ރިޕޯޓު ދޫކުރެވިފައިވަނީ 19 މާރޗް 2015 ވީ ބުރާސްފަތި ދުވަހު އެވެ.

އަދި އިސްވެ ދެންނެވި ފަދައިން މުޙައްމަދު ނަޝީދުއާއި، މައްސަލާގައި ހިމެނޭ އެހެން މީހަކު ބަޔާނުގައި ސޮއިނުކޮށް އޮތުމުގެ ސަބަބުން މައްސަލާގެ ތަފްޞީލީ ރިޕޯޓު މިހާތަނަށް ދޫކުރެވިފައިނުވެއެވެ.

ވީމާ، އެމައްސަލާގެ ތަފްޞީލީ ރިޕޯޓު ދޫކުރުން ލަސްވެފައިވާނަމަ، އެކަން އެގޮތަށް މެދުވެރިވެފައިވަނީ މިކޯޓުން ކުރަންޖެހުނުކަމެއް، ނުކޮށްދޫކޮށްލުމުގެ ސަބަބުން ނޫންކަމާއި، މުޙައްމަދު  ނަޝީދުއާއި އޭނާގެ ޤާނޫނީ ވަކީލުންގެ ފަރާތުން ކޯޓަށް އެއްބާރުލުން ނުދިނުމުގެ ސަބަބުންކަމަށްވާތީ އެކަން ޢާއްމުކޮށް އަންގަމެވެ.

23 މާރޗް 2015