ގ.ކެނެރީގެ މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަލުމަށް ޙުކުމްކޮށްފި

17 ޖެނުއަރީ 2012 ވަނަ ދުވަހުގެ 00:00 ހާއިރު، ކުރިމިނަލްކޯޓުގެ އިސްޤާޟީ ރ.ހުޅުދުއްފާރު / ބަހާރުގެ ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ.ގިރިފުއްޓަށް ގަދަކަމުން ގެންގޮސް، ފޮރުވާފައި ބެހެއްޓި މައްސަލައިގާއި އެއިރު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުންނެވި ގ.ކެނެރީގެ މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ކުށް ސާބިތުވެ 13(ތޭރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކ.މާލެ / ގ.ކެނެރީގެ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރި ޓެރަރިޒަމުގެ ކުށުގެ މައްސަލައާ ގުޅިގެ ކޯޓުން ކުރި ޙުކުމުގައިވަނީ މުޙައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުރެ، ކުރިމިނަލްކޯޓުގެ އިސްޤާޟީ ރ.ހުޅުދުއްފާރު / ބަހާރުގެ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ނިންމައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެދުވެރިކޮށް، 17 ޖެނުއަރީ 2012 ވަނަ ދުވަހުގެ 00:00 ހާއިރު، ޢަބްދުﷲ މުޙައްމަދު ސިފައިންގެ މަރުކަޒެއްކަމުގައިވާ ކ.ގިރިފުއްޓަށް ގަދަކަމުން ގެންގޮސް، ފޮރުވާފައި ބެހެއްޓިކަން، ދައުލަތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ބުނެވިދިޔަ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ)ގެ ދަށުން ކ.މާލެ / ގ.ކެނެރީގެ މުޙައްމަދު ނަޝީދު ޓެރަރިޒަމުގެ ކުށުން ކުށްވެރިވެއްޖެކަމަށެވެ.

މިމައްސަލައިގައި ކުށް ސާބިތުވާކަމަށް ޙުކުމް ކޮށްފައިވަނީ މިމައްސަލަ ބެލި ކްރިމިނަލް ކޯޓުގެ 03 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.